އޮބޭސިޓީ (ފަލަވުން)
ކުރިއާއި އަޅާ ބަލާއިރު މިހާރަކަށް އައިސް ފާހަގަ ކުރެވޭ އެއް ކަމަކީ ފަލަވުމުވެ. މީހާ ބަރުވެ ލަމުން ދިޔަ އަންނައުނު ބާރުވެގެން އައު އަންނައުނު އަވަސް އަވަހަށް ހޯދަން ޖެހުމެވެ. ފަލަވުމަކީ މިޒަމާނުގައި ވަރަށް އާދައިގެ ކަމަކަށް ވަނީ ވެފައެވެ. ނަމަވެސް މިއީ އަޅާނުލައި ދޫކޮށްލާ ވަރުގެ ކުޑަކަމެއް ނޫނެވެ. އެތައް ސަބަބުތަކަކާއި ހުރެއެވެ. މައިގަނޑު ސަބަބަކީ ފަލަވާނަމަ އިތުރު އެހެން ބަލިތަކަށް ހުށައެޅުމުގެ ފުރުޞަތު ބޮޑުވީމައެވެ. މީހާ ފަލަވި ވަރަކަށް ނުރައްކާތެރި އެހެން ބަލިތަކުގެ ހާއްޔަކަށް މީހާ ވެގެންދެއެވެ. ގިނަ ބަލިތަކަށް ބޭސް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީނިޒާމު ބަލިކަށިވެ މީހާ އިތުރު ބަލިތަކަށް ހުށައެޅި ބަލިތަކުން ސަލާމަތް ނުވެވި މަރުވެގެން ދަނީއެވެ.
ފަލަވަނީ ކީއްވެގެން ހެއްޔެވެ؟ ފަލަވުމުގެ މައިގަނޑު ސަބަބަކީ އިންސުލިން އޭ ކިޔާ ހޯމޯން އެއް ރަނގަޅަށް ހަށިގަނޑުގައި މަސައްކަތް ނުކުރުމެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި އިންސުލިން ހުންނަންޖެހޭ ވަރަށް ވުރެ އިންސުލިން މައްޗަށް ދިއުމުން އިންސުލިން ރެސިސްޓެންސް އުފައްދައެވެ. މިއީ އެންޓިބަޔޯޓިކް ބޭނުންކުރަން ފެށުމުން ހަށިގަނޑު އެޔަށް ރެސިސްޓެންސް އުފައްދާ ފަދައިން ވާ ކަމެކެވެ. ހަށިގަނޑުގައި އިންސުލިން ގިނަވި ވަރަކަށް އިންސުލިން ރެސިސްޓެންސް އުފައްދައެވެ. އަދި އިންސުލިން ރެސިސްޓެންސް އުފައްދާ ވަރަކަށް އެ ރެސިސްޓެންސް އިން އަރައި ގަތުމަށް ގިނައިން އިންސުލިން އުފައްދައެވެ. މިއީ އޭގެއިން ސަލާމަތްވާން ވަރަށް އުނދަގޫ ވަށް ބުރެކެވެ.
އިންސުލިން އަކީ ލޭގައި ހަކުރުގެ މިންވަރު އެއް މިންވަރެއްގައި ދެމެހެއްޓުމުގެ
މަސައްކަތް ކުރާ ހޯމޯން އެކެވެ. މިހޯމޯން މަސައްކަތް ކުރާނީ ކާވަގުތު ލޭގައި
ހަކުރުގެ މިންވަރު އެއްހަމައެއްގައި ބެހެއްޓުމަށެވެ. ލޭގައި ހުންނަންޖެހޭ
މިންވަރަށްވުރެ ހަކުރު އިތުރު ވާނަމަ އެއީ ހަށިގަނޑަށް ވިހައެކެވެ. އެހެންކަމުން
ހަކުރުގެ މިންވަރު ރަނގަޅު މިނުގައި ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް
އޭތި ކުރާނެއެވެ.
އިތުރުވާ ހަކުރަށް ހަދާގޮށް އެނގޭ ހެއްޔެވެ؟ އިތުރުވާ ހަކުރު ލޭގެތެރެއިން
ނެގުމަށްފަހު ހަށިގަނޑުގެ ސަރުބީ ތަކުގެ ތެރެއަށް ކޮއްޕާލަނީއެވެ. އޭރުން ލޭގައި
ހަކުރުގެ ލެވެލް އިތުރެއް ނުވާނެއެވެ. އަދި ސަރުބީގެ ތެރެއަށް ކޮށްޕާލާ ހަކުރުގެ
ބައި ސަރުބީއަށް ބަދަލުވެ ހަށިގަނޑުގައި ޖަމާވަނީއެވެ. އާންމުގޮތެއްގައި މިސަރުބީ
ޖަމާވަނީ އުނަގަނޑުގައެވެ.
އަހަރެމެން ކާ ކޮންމެ ފަހަރަކު އިންސުލިން މައްޗަށް ދެއެވެ. އަދި ކާބޯހައިޑްރޭޓްގެ
ބާވަތްތައް ކެއުމުގައި ބޭނުންކުރުމުން އިންސުލިން ވަކީން މައްޗަށް ދެއެވެ. ފެޓްގެ
ބާވަތްތައްވެސް ހަކުރާއި އެކު ބޭނުންކޮށްފިނަމަ އިންސުލިން މައްޗަށް ދެއެވެ.
ޕުރޮޓީން ވެސް ހަކުރާއި އެކު ބޭނުންކޮށް ފިނަމަ އިންސުލިން މައްޗަށް ދެއެވެ.
އިންސުލިން އަބަދު މައްޗަށް ގޮސް ހުންނަނަމަ އިންސުލިން ރެސިސްޓެންސް އުފައްދައެވެ.
ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ކާނަމަ އިންސުލިން ރެސިސްޓެންސް އުފެއްދުމަށް
މަގުފަހިވެއެވެ. މިހާރަކަށް އައިސް އަހަރެމެންނަށް ވާގޮތަކީ އުޅެންޖެހޭލެއް ބިޒީ
ވުމާއި އެކި ސަބަބުތަކަށްޓަކައި ކާއެއްޗެއް ލިބޭ ކޮންމެ ފުރުޞަތަކު އަވަހަށް
ކާލެވެނީއެވެ. ފިހާރައިން އެއްޗެއް ފެންނައިރަށް އެގަނެގެން ކާލެވެނީއެވެ. މިގޮތަށް
އިރުކޮޅަކާއި އެއްޗެއް ކާލާނަމަ އަހަރެމެންގެ ހަށިގަނޑަށް ޖެހެނީ އަބަދުވެސް
ހަޖަމުކުރުމުގެ މަސައްކަތް ކުރާށެވެ. ހަޖަމު ކުރުން ނިމޭތަނެއް ނާދެއެވެ. އެނގޭ
ހެއްޔެވެ؟ އަހަރެމެންގެ ހަށިގަނޑުގައި އެހަށިގަނޑަށް ދިމާވާ އެކިކަހަލަ
މައްސަލަތަށް ޙައްލުކޮށް މަރާމާތު ކުރެވޭނެ ނިޒާމެއް މާތްﷲ ވަނީ ލައްވާފައެވެ.
ނަމަވެސް އަހަރެމެން އެ ނިޒާމުގެ މަސައްކަތް ކުރާނެ ފުރުޞަތެއް ނުދެމުއެވެ.
ސަބަބަކީ ހަޖަމުކުރުމުގެ ނިޒާމު މަސައްކަތް ކުރާ ވަގުތުގައި މަރާމާތުގެ ނިޒާމު
މަސައްކަތް ނުކުރާތީއެވެ. އެހެންކަމުން މަރާމާތުގެ ނިޒާމު މަސައްކަތް ކުރުމަށް
ވަގުތު ނުލިބޭތީ ހަށިގަނޑުގައި އެކި ކަހަލަ މައްސަލަތަށް ގިނަވަމުންގޮސް ބޮޑެތި
ބަލިތަކަށް މީހާ ހުށައެޅެނީއެވެ.
މަރާމާތުގެ ނިޒާމަށް މަސައްކަތް ކުރުމަށް ފުރުޞަތު ދޭނީ ކިހިނެތް ހެއްޔެވެ؟
ދުވާލަކު 3 ފަހަރު ކެއުމުގެ އިތުރުން އިތުރު ކާއެއްޗެއް ނުކައި ހުންނާނީއެވެ.
ކާވަގުތުގައި ރަނގަޅަށް ކާނީއެވެ. އަދި 3 އިރުގެ ކެއުން 8 ގަޑިއިރުގެ ތެރެއަށް
ފައްތާނީއެވެ. މިސާލަކަށް ހެނދުނު ސައިބޮނީ 10 ޖަހާއިރުއެވެ. މެންދުރު ކަނީ 1
ޖަހާއިރުއެވެ. ރޭގަނޑު ކަނީ ހަވީރު 5 ޖަހާއިރު އެވެ. ދެން ބާކީ އޮތް 16 ގަޑިއިރު
ނުކައި ހުންނާނީއެވެ. ނުކައިހުރުމަކީ ރޯދައަށް ހުރުމެވެ. މިރޯދައަށް ހުންނައިރުން
ފެންބޮވޭނެއެވެ. މިގޮތަށް ހިފާ ރޯދައަށް އިންޓަމިޓެންޓް ފާސްޓިންގ އޭ ކިޔައެވެ.
މިގޮތަށް ނުކައި ހުންނަ ވަގުތު ދިގުވުމުން ހަޖަމު ކުރުމުގެ މަސައްކަތް ނިމި
މަރާމާތުގެ ނިޒާމަށް އޭގެ މަސައްކަތް ކުރުމަށް ފުރުޞަތު ލިބިގެންދެއެވެ. އަދި
ހަޖަމުކުރާ ނިޒާމުގެ ގުނަވަންތަކަށް އަރާމު ކޮށްލުމަށް ފުރުޞަތު ލިބިގެންދެއެވެ.
އޭރުން ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތައްވެސް ރަނގަޅުކުރުމަށް
ފަސޭހަވެގެންދާނެއެވެ. މިގޮތަށް ރޯދައަށް ހުރުމުން އިންސުލިން ރެސިސްޓަންސް ވެސް
ރަނގަޅުވާން ފުރުޞަތު ލިބިގެންދެއެވެ. ސަބަބަކީ ރެސިސްޓެންސް އުފައްދަނީ އެއެއްޗެއް
ގިނަވުމުގެ ސަބަބުންނެވެ. އިންސުލިން މަދުވާން ފެށުމުން އިންސުލިން ރެސިސްޓަންސް
ވެސް މަދުވެ ހަށިގަނޑު ހަމައަކަށް އެޅެއެވެ. ތިބާ ހަށިގަނޑު ތެދުކޮށްލާފައި
ތިރިއަށް ބަލައިލުމުން ބަނޑު ނިކުމެފައިވާތީ ތިބާއަށް ފެނޭ ހެއްޔެވެ؟
އެހެންކަމުގައިވާނަމަ ތިބާގެ ހަށިގަނޑުގައި އިންސުލިން ރެސިސްޓެންސް ދަނީ
އުފައްދަމުންނެވެ.
އިންސުލިންގެ މައްސަލަ ހުރިކަން ޑޮކްޓަރުންނަށް ނޭނގެނީ ކީއްވެހެއްޔެވެ؟ ސަބަބަކީ
ހަކުރުގެ ޓެސްޓުތަކަކުން އިންސުލިން ރެސިސްޓަންސް ހުރިކަމެއް ނޭނގޭނެއެވެ. މީހާއަށް
އާންމުގޮތެއްގައި ހަކުރުބަލި ޖެހެނީ އިންސުލިން ރެސިސްޓަންސް އުފައްދަން ފަށާތާ 10
ނުވަތަ 15 އަހަރު ފަހުންނެވެ. އިންސުލިން ރެސިސްޓެންސް ހުރިތޯ ބެލުމަށް ހަދާ
ޓެސްޓަށް ކިޔަނީ ހޯމާ-އައި.އާރް (HOMA-IR)
އެވެ. މިޓެސްޓު ހެދުމުން އިންސުލިން ރެސިސްޓެންސް ހުރިކަން ދެނެގަނެވޭނެއެވެ.
ޓެސްޓް ނެހެދި ނަމަވެސް ތިބާގެ ބަނޑު ނުކުމެފައިވާކަމުގައި ވަނީ ނަމަ ތިބާގެ
އިންސުލިން ރެސިސްޓެންސް މައްސަލަ އެބަހުއްޓެވެ.
މިކަމުގެ ޙައްލަކީ ކޮބާ؟ އިންސުލިން ރެސިސްޓެންސް ރަނގަޅުކުރުމަށް އެންމެ ވަރުގަދަ
ހަތިޔާރަކީ
އިންޓަމިޓެންޓް ފާސްޓިންގ (IF)
އެވެ. އެއާއި އެކު
ކީޓޯ ޑައެޓް
ބޭނުންކުރުމުން ވަރަށް ބޮޑަށް ފައިދާ ވާނެއެވެ. އެންމެ މުހިންމު ކަމަކީ ކެއުމުގައި
ބޭނުންކުރާ ރިފައިންޑް ކާބޯހައިޑްރޭޓްސް (ޕާސްތާ،ނޫޑުލިސް، ކުރެކާޒް، ބިސްކޯދު
ފަދަ) ހިމެނޭ ކާބޯތަކެއްޗާއި ދުރުވުމެވެ. ތައްޔާރީ އަދި ޕެކެޓްގައާއި ދަޅުގައި
ބަންދުކޮށްފައި ހުންނަ ގިނަ ތަކެތި މީގައި ހިމެނެއެވެ.
ކޯކް، ޕެޕްސީ ފަދަ ބުއިންތަކަކީ އެހާމެ ގެއްލުންހުރި އެއްޗެކެވެ. ތެލުލުމަށް
ބޭނުންކުރާ ސަންފުލާވާ، ކޯން، ކެނޯލާ، ސޮއި، ސަފުލާވާ ފަދަ ކައްކާ ތެލަކީވެސް ހަމަ
އެހާ ގެއްލުން ކޮށްދޭ އެއްޗެކެވެ. މީގެ ބަދަލުގައި، ކާށި ތެޔޮ، އަވޮކާޑޯ ތެޔޮ،
އޮލިވް (ޒައިތޫނި) ތެޔޮ ބޭނުންކުރުން ރަނގަޅުވާނެއެވެ.
އެހެންކަމުން ބަރުދަން ލުއިކުރުމަށް އެދޭމީހާ އިންޓަމިޓެންޓް ފާސްޓިންގ އާއި އެކު
ކީޓޯ ޑައެޓް ބޭނުންކުރުމުން ބަރުދަން ލުއިވެ ފަލަވުމުން ކުރިމަތިވާ މައްސަލަތަކުން
ސަލާމަތްވެ ސިއްޙަތު ރަނގަޅުވެއެވެ. ރިފައިންޑް ކާބޯހައިޑްރޭޓްސް ހިމެނޭ
ކާބޯތަކެތިން އެކަހެރިވުން ފުރަތަމަ ފިޔަވަޅަކަށް ހަދާށެވެ. އެއަށް ފަހު އިރު
އިރުކޮޅާ ކެއުމުން އެކަހެރިވާށެވެ. ތިން އިރު ކެއުމުގެ އިތުރަށް އެހެން ވަގުތު
ތަކުގައި ކެއިންބުއިމުން އެކަހެރިވެ ހުންނާށެވެ. މަޑުމަޑުން ފިޔަވަޅަކަށް ފަހު
ފިޔަވަޅެއް މިގޮތުގައި ކުރިއަށް އަޅަމުން ދިއުމުން މިކަމަށް ޙައްލެއް ލިބޭނެއެވެ.
ކާމިޔާބުވާނީ މަސައްކަތްކުރާ މީހާއަށެވެ. މިއީ އަގުބޮޑުކަމެއް ނޫނެވެ. ކުރަން
ކެރިއްޖެނަމަ 2 މަހުން އެދެވޭ ނަތީޖާއެއް ފެންނާނެއެވެ. 1 / 317