1 / 44
ކީޓޯޖެނިކް ޑައެޓް (Keto)
އަކީ
ކީޓޯޖެނިކް ޑައެޓް ނުވަތަ ކީޓޯ ފުރެއިންޑްލީ (ކީޓޯ ރައްޓެހި) ކާނާ އަކީ އިންޓަމިޓެންޓް ފާސްޓިންގ ގެ ފުރިހަމަ ފައިދާ ލިބިގަތުމަށް ކެއުން ބަހައްޓަންޖެހޭ ގޮތެވެ. ސަބަބަކީ ހަމައެކަނި އިންޓަމިޓެންޓް ފާސްޓިންގ އަކުން އަދި ބޭނުންހައި އެއްޗެއް ކައިގެން އަހަރެމެން ހޯދަން ބޭނުންވާ އަމާޒަށް ނުދެވޭނެތީއެވެ. އަމާޒަކީ ސިއްޙަތު ރަނގަޅުކުރުން ކަމުގައި ވިއަސް، ބަލިތަކުން ސަލާމަތް ވުމަށް ކަމުގައި ވިއަސް އަދި ބަރުދަން ލުއި ކުރުމަށް ކަމުގައި ވިއަސް މެއެވެ.
ކީޓޯ ކާނާއަކީ ކާބޯހައިޑްރޭޓްސްގެ ބައި މަދު ކާނާއެވެ. ފެޓްގެ ބައި ގިނަ އަދި ޕުރޮޓީންސްގެ ބައި ރަނގަޅު މިންވަރަކަށް ހުންނަ ކާނާއެވެ. ރިފައިންޑް ކާބޯހައިޑްރޭޓްސް (ފެކްޓަރީ ތަކުގައި ބަންދުކޮށް ހަދާފައި ހުންނަ ތައްޔާރީ ކާނާ) (މިސާލަކަށް: ޕާސްތާ، ސީރިއަލް، ކުރެކާޒް، ބިސްކޯދު، ކޭކު، ނޫޑުލިސް ފަދަ) ތަކެއްޗަކީ ކީޓޯއާއި ވަރަށް ބީރަށްޓެހި ތަކެއްޗެވެ. ފެޓްސް (ސަރުބީ) ގެ ބައި ގިނަ، ޕުރޮޓީން ގެ ބައި ހިމެނޭ އަދި ކާބޯހައިޑްރޭޓްސްގެ ބައި ނެތް ނުވަތަ ވަރަށް މަދު ތަކެއްޗަކީ ކީޓޯއަށް ބޭނުންވާ ތަކެއްޗެވެ.
މި ޑައެޓްގެ މައިގަނޑު ބޭނުމަކީ ހަށިގަނޑުގައި ހަކުރުގެ މިންވަރު މަދުކޮށް ހަށިގަނޑު ފެޓް (ސަރުބީ) އެންދުމަށް މަޖުބޫރު ކުރުވުމެވެ. އެގޮތުން ހަށިގަނޑުގައި ގުލުކޯޒް (ހަކުރު) ގެ މިންވަރު ދަށްވުމުން ލިވާ (ފުރަމޭގައި) ރައްކާ ކޮށްފައި ހުރި ގުލްކޯޖެންގެ (ގުލްކޯޒްގެ ވައްތަރެއް) ބައި ބޭނުންކުރަން ފަށައެވެ. ގުލްކޯޖެން މަދުވާން ފެށުމުން ހަށިގަނޑަށް އެމަޖެންސީގައި ބޭނުންކުރުމަށް ރައްކާކޮށްފައި ހުރި ފެޓް (ސަރުބީ) ބޭނުންކުރުމަށް މަޖުބޫރުވެއެވެ. ސަބަބަކީ ހަށިގަނޑުގައި ހަކުރުގެ ބައި ނެތުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެވެން ހުރީ ފެޓް (ސަރުބީ) އަންދައިގެން ކަމުގައިވާތީއެވެ. ހަށިގަނޑުގައި ސަރުބީ އަނދަން ފެށުމުން ކީޓޯން އޭ ކިޔާ އެއްޗެއް އުފައްދައެވެ. މީ ހަށިގަނޑުގެ ގުނަވަންތަކަށް ޚާއްޞަކޮށް ހިތަށާއި ސިކުނޑިއަށް ވަރަށް ކަމުދާ ހަކަތައެކެވެ. ހަށިގަނޑުން ސަރުބީ އެނދުމުން ސިއްޙަތު ރަނގަޅުކޮށްދީ ބަރުދަން ލުއިކޮށްދެއެވެ. ކީޓޯއަށް ހަށިގަނޑު ހޭނުމަށް 3 ދުވަހުން ފެށިގެން 5 ހަފުތާއާއި ދެމެދުގެ މުއްދަތެއް ނަގާފާނެއެވެ.
ކީޓޯ ޑައެޓްގައި ބޭނުންކުރެވޭ ބައެއް ކާނާ ތިރީގައި އެވަނީއެވެ.